Saturday, May 31, 2014

ކާމިޔާބު ހޯދީ ކުރީގެ ތަޖުރިބާތަކުގެ ބޭނުން ހިފައިގެން: ފަލަސްތީންގެ ކޯޗް



އޭއެފްސީ ޗެލެންޖް ކަޕްގެ ފައިނަލްގައި ރޭ ފިލިޕީންސް އަތުން 1-0 އިން މޮޅުވެ ފަލަސްތީން މުބާރާތުގެ ޗެމްޕިއަންކަން ހޯދިއިރު، ފަލަސްތީނަށް މުބާރާތުގެ ޗެމްޕިއަންކަން ލިބުނީ ކުރިން ޗެލެންޖް ކަޕްގައި ލިބުނު ތަޖުރިބާތަކުގެ ބޭނުން ހިފައިގެން ކަމަށް އެ ޓީމުގެ ކޯޗު ޖޯޑުންގެ ޖަމާލް މަހުމޫދު ބުނެފި އެވެ.
ފިލިޕީންސް އަތުން ފަލަސްތީން މޮޅުވީ މެޗުގެ ދެވަނަ ހާފުގައި ލިބުނު ހިލޭޖެހުމަކުން އެ ޓީމުގެ ފޯވަޑް އަޝްރަފް އަލް ފަވަގްރާ ޖެހި ލަނޑަކުންނެވެ.
"މިއީ ވަރަށް ތާރީޚީ މެޗެއް އަދި ވަރަށް ބޮޑު ކާމިޔާބެއް،" މެޗަށް ފަހު ޖަމާލް ބުންޏެވެ. "އަހަރެމެން މީގެ ކުރިން މި މުބާރާތުގައި ވާދަކުރި ދެ އަހަރުގައި ލިބުނު ތަޖުރިބާތަކުގެ ބޭނުން ހިފައިފި. އެ ދެ މުބާރާތުގައި އަހަރެމެންނަށް ވަރަށް ގިނަ ގޯސްތައް ހެދުނު. އެ ތަޖުރިބާތަކުގެ ބޭނުން ހިފައިގެން އަހަރަމެންނަށް މި ފަހަރު ތައްޓާ ހަމައަށް މި ދެވުނީ."
ފަލަސްތީން ވަނީ މީގެ ކުރިން ދެ ފަހަރު ޗެލެންޖް ކަޕްގައި ވާދަކޮށްފަ އެވެ. ބަންގްލަދޭޝްގައި 2006 ވަނަ އަހަރު ބޭއްވި ފުރަތަމަ ޗެލެންޖް ކަޕުން ފަލަސްތީން ކެޓީ ކުއާޓާ ފައިނަލުންނެވެ. އަދި 2012 ވަނަ އަހަރު ނޭޕާލްގައި އޮތް މުބާރާތުން ފަލަސްތީން ކެޓީ ސެމީ ފައިނަލުންނެވެ. އެ މުބާރާތުގެ ތިން ވަނަ ހޮވި މެޗުގައި ފިލިޕީންސް އަތުން ބަލިވުމުން ފަލަސްތީން ފުއްދާލަން ޖެހުނީ ހަތަރު ވަނަ މަގާމާ އެކު އެވެ.
މި އަހަރުގެ ޗެލެންޖް ކަޕް ފަލަސްތީނުން ކާމިޔާބުކުރީ އެއްވެސް މެޗަކުން ބަލިނުވެ އެވެ. އަދި މުޅި މުބާރާތުގައި ވެސް އެ ޓީމު ކޮޅަށް ލަނޑެއް ނުވަދެ އެވެ. ކުޅުނު ފަސް މެޗުގެ ތެރެއިން ހަތަރު މެޗުން މޮޅުވިއިރު، އެއް މެޗު ވަނީ އެއްވަރުވެފަ އެވެ. އެއީ ރާއްޖެއާ ދެކޮޅަށް ކުޅުނު މެޗެވެ.
މިއީ ޗެލެންޖް ކަޕްގެ ފަހު މުބާރާތަކަށްވުމުން، މި ކާމިޔާބާ އެކު ފަލަސްތީނަށް ވަނީ އޭޝިއާގެ ފުޓްބޯޅައިގެ ތާރީޚުގެ ތެރެއިން ޚާއްސަ ޖާގައެއް ލިބިފަ އެވެ.
ފައިނަލް މެޗުގައި ގިނަ އަދަދެއްގެ ދިވެހިން ވަނީ ދަނޑަށް ވަދެ، ފަލަސްތީންގެ ޓީމަށް ތަރުހީބު ދީފަ އެވެ. މެޗަށް ފަހު ފަލަސްތީންގެ ރައީސް މަހުމޫދު ައައްބާސް ވަނީ ރައީސް އަބްދުﷲ ޔާމީނަށް ގުޅުއްވައި، ފަލަސްތީންގެ ޓީމަށް ދިވެހިން ދިން ސަޕޯޓަށް ޝުކުރު އަދާކުރައްވައިފަ އެވެ.
ޖަމާލް ވެސް ވަނީ ދިވެހި ސަޕޯޓަރުންނަށް ޝުކުރު އަދާކޮށްފަ އެވެ. އަދި އޭނާ ވަނީ މި ކާމިޔާބީ އޭނާގެ އާއިލާ އާއި ރަހުމަތްތެރިންނާއި ފަލަސްތީންގެ ރައްޔިތުންނާއި އިޒްރޭލުގެ ޖަލުތަކުގައި ތިބި ފަލަސްތީންގެ ކުޅުންތެރިންނަށް ޚާއްސަކޮށްފަ އެވެ. 
"ރާއްޖޭގެ ސަޕޯޓަރުންނަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން. އަދި ރާއްޖޭން އަހަރެމެންނަށް އަދާކުރި މެހެމާންދާރީ އަށް ޝުކުރު އަދާކުރަން. މި ގައުމުގެ މަތިން ދުވަހަކު ވެސް ހަނދާން ނުނެތޭނެ. ރާއްޖެ އަށް ޒިޔާރަތްކުރުމުގެ ފުރުސަތު އަދި ލިބޭނެކަމަށް އުންމީދުކުރަން،" 2011 ވަނަ އަހަރު ފަލަސްތީންގެ ޓީމާ ހަވާލުވި ޖަމާލް ބުންޏެވެ. "ފަލަސްތީން ފުޓްބޯލް އެސޯސިއޭޝަންގެ ރައީސް ޖެނެރަލް ޖިބްރީލް ރަޖޫބް އަށް މަރުހަބާ. އޭނާ އަކީ އަބަދު ވެސް އަހަރެންގެ ފަހަތުގައި ހުރި މީހެއް. އަދި އިޒްރޭލްގެ ޖަލުތަކުގައި ތިބި ފަލަސްތީންގެ ކުޅުންތެރިންނަށް ވެސް މަރުހަބާ."
ފީފާ އިން 1998 ވަނަ އަހަރު ފަލަސްތީން ބަލައިގަތުމުން ވޯލްޑް ކަޕާއި އޭޝިއަން ކަޕަށް ކޮލިފައިވުމުގެ ފުރުސަތު އެ ޓީމަށް ލިބުނު ނަމަވެސް، ފުޓްބޯޅައިގައި ކުރިއަށް ދިއުމަށް ގިނަ ހުރަސްތަކެއް ވަނީ ކުރިމަތިވެފަ އެވެ. ހުޅަނގު އައްސޭރި އާއި ގާޒާއާ ދެމެދު ދަތުރުކުރުމުގައި އިޒްޒޭލް އިން އަޅާފައިވާ ހުރަސްތަކާ ގުޅިގެން މީގެ ކުރިން ފަލަސްތީންގެ ޓީމަށް ވަނީ ހުރިހާ ކުޅުންތެރިން ހަމަކޮށްގެން ފަރިތަކުރުމަށް ވެސް ދަތިތަކެއް ކުރިމަތިވެފަ އެވެ. އިޒްރޭލްގެ ބޯޑަރު ހުރަސްކުރަން އުޅުނު ފަލަސްތީން ޓީމުގެ ބައެއް ކުޅުންތެރިން ވަނީ މީގެ ކުރިން ހައްޔަރު ވެސް ކޮށްފަ އެވެ.
ޗެލެންޖް ކަޕްގެ ތައްޔާރީތަކުގައި ވެސް ފަލަސްތީނަށް ދަތިތަކެއް ކުރިމަތިވި އެވެ. ގަތަރުގައި މިދިޔަ މަހު އޮތް ޓްރެއިނިން ކޭމްޕަކަށް ފަހު އެނބުރި ފަލަސްތީނަށް ދިޔަ މަގުމަތީގައި ފަލަސްތީންގެ ކޯޗު ޖަމާލް އާއި ޓީމުގެ އެސިސްޓެންޓް ކޯޗުންނަށް ހުޅަނގު އައްސޭރި އަށް ވަނުމުގެ ފުރުސަތު އިޒްރޭލުން ނުދިނެވެ. އެހެންވެ ޖަމާލް ވެސް ވަނީ ޓީމާ ދުރުގައި ދެ ހަފުތާއެއްހާ ދުވަހު ހުންނަންޖެހިފަ އެވެ. އަދި އޭރު ޓީމުގައި ހުރި ކުޅުންތެރިއެއް ކަމަށްވާ ސަމާހް މަރައްބާ ވަނީ ހައްޔަރުކޮށްފަ އެވެ. އޭނާ އަދިވެސް ދުލެއް ނުކުރެ އެވެ.
އަންނަ އަހަރުގެ އޭޝިއަން ކަޕްގައި ފަލަސްތީން ވާދަކުރާ ގުރޫޕް ޑީގައި އޮތީ ޖަޕާނާއި އިރާގު އަދި ޖޯޑުން އެވެ.
ޖަމާލް ބުނީ އޭޝިއަން ކަޕަށް ފަލަސްތީންގެ ޓީމު އިތުރަށް ވަރުގަދަވާނެ ކަމަށް އުންމީދުކުރާ ކަމަށެވެ.
"ވަރަށް ގިނަ ކުޅުންތެރިން އެބަތިބި މި ފަހަރު ޓީމުގައި ބައިވެރިނުވެވުނު. އޭއެފްސީގައި ކުޅުންތެރިން ރަޖިސްޓްރީކުރުމަށް ވެސް ދަތިތަކެއް ކުރިމަތިވި. އެކަމަކު އެ ކުޅުންތެރިން އޭޝިއަން ކަޕްގެ ޓީމުގައި ހިމެނިއްޖެ ނަމަ، ފަލަސްތީންގެ ޓީމު އިތުރަށް ވަރުގަދަވާނެ،" ޖަމާލް ބުންޏެވެ.
އޭޝިއަން ކަޕްގައި ފަލަސްތީނާއި ޖޯޑުން ބައްދަލުކުރާ މެޗަކީ ޖޯޑުންގެ ރައްޔިތެއް ކަމަށްވާ ޖަމާލަށް ވެސް ޚާއްސަ މެޗެކެވެ.
"އަހަންނަށް ޔަގީން ޖޯޑުންގެ ރައްޔިތުން އުފާވާނެކަން އެ ގައުމަށް ނިސްބަތްވާ ކޯޗެއް މި ހޯދި ކާމިޔާބަށްޓަކައި،" ޖަމާލް ބުންޏެވެ.

Tags: ,

0 Responses to “ކާމިޔާބު ހޯދީ ކުރީގެ ތަޖުރިބާތަކުގެ ބޭނުން ހިފައިގެން: ފަލަސްތީންގެ ކޯޗް”

Post a Comment

Recent Comments

Subscribe

Donec sed odio dui. Duis mollis, est non commodo luctus, nisi erat porttitor ligula, eget lacinia odio. Duis mollis

© 2013 mvsports. All rights reserved.
Designed by SpicyTricks